1.18.2015

ރާއްޖެ އިސްލާމްވުމުގެ ކުރީގައި އެހެނިހެން ދީންތަކަށް އަޅުކަން ކުރި ބަޔަކު މި ރާއްޖޭގައި އުޅެފައި ވެއެވެ


1. ތަޢާރަފް:
ދިވެހި އަންހެނުން ތަކެއް އޮށްވަޅު ކުޅެނީ 
ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން ފެށިތާ މިހާރު ގާތްގަނޑަކަށް 2500 ވަރަކަށް އަހަރު ވެދާނެކަމަށް ތާރީޚީ ހޯދުންތައް ހެކިދެއެވެ. އަދި ދިވެހިންނަކީ އެންމެ އެވޭލާ ޒަމާނުއްސުރެ ދީނީ ކަންކަމަށް ސަމާލުކަން ދިން ބައެއްކަން ދިވެހި ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ. މިކަންކަން ސާބިތުކުރެވެނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޤަދީމީ އާސާރުތައް ދިރާސާކޮށް ބެލި ބެލުމުގެ ތެރެއިން މިކަމަށް ހެކިދޭ އެތައް އެއްޗެއް ފެނިފައި ވާތީއެވެ. މިފަދަ ދިރާސާތަކުން އެއްވެސް އޮޅުމެއް ނެތި ހާމަވެގެން ދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގެ ޝުޢާއުގެ އަލިކަން 1153 ވަނަ އަހަރު ފެތުރިގެން ދިޔުމުގެ ކުރިން، ދިވެހިން ތަފާތު އެހެނިހެން ދީންތަކަށް އަޅުކަން ކުރިކަމެވެ. މި ތަކެތިން  ދޭހަ ކޮށްދެނީ ދިވެހިންގެ އަޅުކަން ކުރަމުން ދިޔައީ މައިގަނޑު ގޮތެއްގައި ހިންދޫ ދީނަށާއި، ބުދު ދީންކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ކަންކޮޅުތަކުގެ ރައްޔިތުން ޤުދުރުރަތީ ތަކެއްޗަށާއި، ބައެއް އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވޭ ހެކިތައްވެސް ދިވެހި ތާރީޚީ ޞަފުޙާ ތަކުން ފެންނާން އެބަހުއްޓެވެ.
މިމަޒުމޫނުގެ މައިގަޑު ސުރުޚީއަކީ " ރާއްޖެ އިސްލާމްވުމުގެ ކުރީގައި އެހެނިހެން ދީންތަކަށް އަޅުކަން ކުރި ބަޔަކު މި ރާއްޖޭގައި އުޅެފައި ވެއެވެ." މިއެވެ. މި މަޒުމޫނުގައި ދިވެހި ތާރީޚު ދިރާސާ ކުރައްވާފައިވާ އެކިއެކި ބޭބޭފުޅުންގެ ދިރާސާތަކުން މަޢުލޫމާތު ހިމަނާލާފައި ވާނެއެވެ. އަދި ހަމަ އެއާއެކު ދިވެހިންގެ ތާރީޚަށް ޤާބިލު ބޭބޭފުޅުން ދިވެހިރާއްޖޭގެ އޮތް ތަފާތު ދީންތަކާ ބެހޭގޮތުން ދެއްވާފައިވާ ތަފާތު ޚިޔާލުތަކާއި ޟުއޫރުތައް ހިމަނާލާފައި ވާނެއެވެ.

މި ދިރާސީ މަޒުމޫނުގައި ހިމެނޭނީ މައިގަނޑު ހަތަރު ބައެކެވެ. އެގޮތުން ތަޢާރަފްގެ ބައިގައި އެންމެފުރަތަމަ މުޅި މަޒުމޫނުގެ ތަޢާރަފެއް ދީފައިވާނެއެވެ. އެއަށްފަހު މަޒުމޫނުގެ މައިގަނޑުގައި ކުރުގޮތަކަށް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނާއި އެބައިމީހުން އަޅުކަންކޮށްފައިވާކަމަށް ބެލެވޭ ތަކެއްޗާ ބެހޭގޮތުން ވާހަކަ ދައްކާފައި ވާނެއެވެ. މީގެ އިތުރުން ދިވެހިން އަޅުކަންކުރިކަމަށް ތާރީޚުގައި ލިޔެވިފައިވާ ޤަދީމީ ދީންތަކުގެ ތެރެއިން ހިންދޫ ދީނަށާއި ބުދުދީނަށް އަލިއަޅުވާލާފައިވާނެއެވެ. މިބައިގައި މި ދީންތައް ދިވެހި ރާއްޖެއަށް އައިގޮތާއި، މި ދީންތައް ދިވެހި ރާއްޖޭގައި އޮތްކަމުގެ ބައެއް ހެކިތައް ވަކިވަކިން ގެނެސްދީފައި ވާނެއެވެ. މީގެ އިތުރުން ރާއްޖެ އިސްލާމްވީ ގޮތާ ބެހޭގޮތުންވެސް ޚުލާސާގޮތަކަށް މިބައިގައި ބަލާލާފައި ވާނެއެވެ. އަދި ނިންމާލުމުގެ ގޮތުން މުޅި ދިރާސީ މަޒުމޫނުގެ ޚުލާސާއެއް ގެނެސްދީފައިވާއިރު އެންމެ ފަހު ބައެއްގެ ގޮތުން މިދިރާސީ މަޒުމޫނު ލިޔުމަށްޓަކައި ޙަވާލީދީފައިވާ ގޮތުގެ ތަފްސީލްވެސް ހިމަނާފައިވާނެއެވެ.

 2. މައިގަނޑު
  2.1 ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނާއި އެބައިމީހުން އަޅުކަން ކުރިކަމަށް ބެލެވޭ ތަކެތި
ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގެ ދީންތަކާއި ބެހޭގޮތުން ވާހަކަދައްކަމުންދާއިރު، އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ވަޒަންވެރިވި މީހުންކަމަށް ދިވެހި ތާރީޚް ބުނާ މީހުން އަޅުކަންކޮށްފައިވާ ގޮތާއި ބެހޭގޮތުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލައިލަންޖެހެއެވެ. ނަސީމާ މުޙައްމަދު (2002) ލިޔުއްވާފައިވާ ގޮތުގައި ދިވެހިންގެ އަސްލަކީ ކޮބައިކަމާއި އެބައިމީހުން އަޅުކަންކުރި ދީނުގެ އަސްލަކީ ކޮބައިކަން މިހާތަނަށްވެސް ވަނީ ނޭގުމެއްގެ ތެރޭގައެވެ. ނަމަވެސް އިޔާޒު ނަސީމް (2011)، ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނާ މެދު ލިޔެވިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް ލިޔުއްވާފައިވާއިވަނީ، ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވެފައި ވަނީ އިންޑިޔާގެ ކަލި ބަންގާއަށް ނިސްބަތްވާ ބައެއްކަމަށެވެ. މީގެ އިތުރުން މީލާދީން 17 ވަނަ ޤަރުނުގައި އަލް ޢައްލާމާ މުޙައްމަދު ޝިހާބުއްދީނު ލިޔުއްވާފައިވާ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބުރަވެ، ނަސީމާ މުޙައްމަދު (2004) ހާމަކުރައްވާފައިވަނީ  ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންނަކީ، އިންޑިޔާގެ [ކަލި ބަންގާ] އޭ ކިޔުނު ތަނަކުން އައިސްފައިވާ [ދޭވީސް] ނުވަތަ [ދީވީން]ނޭ ކިޔުނު ބައެއްކަމަށެވެ. އެމީހުންއަޅުކަންކޮށްފައި ދީނަށް އިޝާރާތް ކުރައްވަމުން ނަސީމާ މުޙައްމަދު އިތުރަށް ހާމަކުރައްވާފައިވަނީ [ދީވީން] އަޅުކަން ކޮށްފައިވަނީ ބާރުހުރި ޤުދުރަތީ ތަކެތި ކަމަށްވާ ތަރިތަކާއި، އިރާއި، ހަނދު ފަދަ ތަކެއްޗަށްކަމަށެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރިންނަކީ އިންޑިޔާ ނުވަތަ އިންޑަސްވާދީ ހަޟާރަތުގެ ތެރެއިން އައި ބައެއްކަމަށް ބައެއް ތާރީޚީ އިލްމުވެރިން ބުނެއެވެ. ހިންދުއިޒަމްއާއި ބުޑިޒަމްއަކީ އިންޑަސްވާދީ ހަޟާރަތުގެ މަޝްހޫރު ދީންތަކެވެ. އިންޑަސް ވާދީ ޙަޟާރާތުގެ ދީންތަކަށް އިޝާރާތް ކުރައްވަމުން  ނަސީމާ މުޙައްމަދު (2004) ހާމަކުރައްވާ ގޮތުގައި، އެ ޙަޟާރާތުގެ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އަލިފާނާއި، ފެނާއި، ތަރިރުހަނދު ފަދަ ބާރުގަދަ ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވެއެވެ. ޝައްކެއް ނެތްގޮތުގައި އެބައިމީހުން ރާއްޖޭގައި ވަޒަންވެރިވިއިރު އެބައިމީހުންގެ ދީންވެސް އެބައިމީހުންނާއި އެކުގައި ރާއްޖެ އަންނާނެއެވެ. އެހެންކަމުން ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި މީހުންގެ ތެރޭގައި ވެސް އެފަދަ ތަކެއްޗަށް އަލުކަންކުރުމުގެ ޘަޤާފަތެއް ގެންގުޅިފައި ވާނޭކަމަށް ބެލެވޭކަމަށް ނަސީމާ މުޙައްމަދު ހާމަކުރައްވައެވެ.
ދިވެހީންނަކީ ކޮންމެވެސް ޒަމާނެއްގައި އެކި އެކި ބާރުތަކަށް އަޅުކަން ކޮށް އުޅުނު ބައެއްކަން ތާރީޚީ ހޯދުންތަކުން ސާބިތުވެއެވެ. ޕްރޮފެސަރ ތޯހައިދާލް ރާއްޖެއަށް ކުރެއްވި ބިމުގެ ދިރާސާ ދަތުރެއްގައި ގދ. ގަމުން ފެނިލެއްވި ގަލުގެ އެކިއެކި ނިޝާންތަކުން ގެމައްޗަށް ބިނާކޮށް، އަޙުމަދު ޝަފީޤު (2000) އާއި މުޙައްމަދު އިބްރާހީމް ލުޠުފީ (1983) ލިޔުއްވާފައި ވާގޮތުގައި ރާއްޖޭގައި ވެސް އިރަށް އަޅުކަންކުރި ބަޔަކު އުޅުނުކަމުގެ އަސަރުތައް ފެންނަން އެބަހުއްޓެވެ.  
މީގެ އިތުރުން ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2008) ދާދިފަހަކާ ޖެހެންދެންވެސް ގދ. ވާދޫ ގައި މަސްވެރިކަން ކިޔެވުމާއި އެކިއެކި ކިޔެވެލިތައް ކިޔެވުމުގައި ކަނޑަށް މާދެއްކުން އޮންނަ އޮތުމަށް އިޝާރާތްކުރައްވަމުން، ހާމަ ކުރައްވަނީ ކަނޑަކީ ވެސް ގަދީމީ ދިވެހިން އަޅުކަން ކުރި ތަނެއް ކަމުގައި ބެލިދާނެކަމަށެވެ.
ހަމަ މިގޮތުން ތޯހައިދާލް 1983 ވަނަ އަހަރު ފ.ނިލަންދޫ ފޯއްމަތި ކޮނުމުގެ މަސައްކަތުން ފެނުނު ތަކެތީން ކަށަވަރުވެވަޑައިގަތީ އެ ސަރަހައްދުގައި  "ފުރަހަ"އަށް (ޒަކަރަށް) އަޅުކަންކުރި ބަޔަކު އުޅެފައިވާ ކަންކަމުގައި ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2008) ފާހަގަ ކުރައްވައެވެ. ހަމައެއާއެކު، އެރަށު އާސާރީ މިސްކިތުގެ ޙަރިންމަ އަށް ވަންނަ ދޮރޯށީގެ ދެފަރާތު ފާރު މަތީގައި، އިންސާނެއްގެ ފިރިހެން ހަށީގެ ކޮޅު ސިފަވާގޮތަށް ގަލުވަޑާމުގެ މަސައްކަތުން ހަދާފައިވާ ތަކެއްޗަކީވެސް ރާއްޖެއަށް އިސްލާމްދީން އައުމުގެ ކުރިން ކޮންމެވެސް ބަޔަކު އަޅުކަންކުރުމަށް ބޭނުންކުރި ތަކެތިކަމަށް ބެލެވޭ ކަމުގައި މޫސާ މާހިރު( އަހަރު ނެއް) ހާމަކުރައްވައެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް އިސްލާމީ މާތްދީން ފެތުރުމުގެ ކުރިން ދިވެހިން ބައެއް ޤުދުރަތީ ތަކެއްޗަށް އަޅުކަން ކޮށްފައިވާ ކަމުގައި ބުނެވިދާނެ އެވެ.
ދިވެހިން އިސްލާމް ދީން ނޫން އެހެން ދީނަކަށް އަޅުކަން ކުރި ކަމުގެ ހެއްކެއް
2.2 ދިވެހިން އަޅުކަންކުރިކަމަށް ތާރީޚުގައި ލިޔެވިފައިވާ ޤަދީމީ ދީންތައް
ދިވެހިރާއްޖޭގައި ހުރި އާސާރީ ގިނަ ތަނަކީ ރާއްޖޭގައި ވަޒަންވެރިވެގެން ތިބިބަޔަކު ދީނީ އަޅުކަންކުރުމަށްޓަކައި ހަދާފައިވާ ތަންތަންކަން އެތަނުން ފެނިފައިވާ ސާމާނުތަކުން ސާބިތުވެއެވެ. ނަމަވެސް އެބައިމީހުންގެ އަސްލު ދީނަކީ، ކޮބައިކަން ކަނޑައެޅި އެނގޭކަށް ނެތެވެ. މި ފަދަ އާޘާރީ ތަންތަނުން ފެނިފައިވާ ހެކިތަކަށް ބަލާއިރު ދިވެހިން ކުރީ ޒަމާނުގައި އަޅުކަންކޮށް އުޅުނީ ތަފާތު ސިފަސިފައިގައި ހަދައިފައިވާ ބުދުތަކަށްކަން އެނގެއެވެ. އެހެންކަމުން ދިވެހިރާއްޖެ އިސްލާމް ވުމާހަމައަށް ރާއްޖޭގައި އޮތީ ބުދު ދީންކަމުގައި ބެލެވިދާނެކަމަށް މޫސާ މާހިރު (އަހަރު ނެތް) ހަމަ ކުރައްވައެވެ. އަޙުމަދު ޝަފީޤު (2008) ހާމަކުރައްވާ ގޮތުގައި، ރާއްޖޭގައި ބުދު ދީނުގެ އަސަރު ކިތަންމެ ބޮޑަށް ފެންނަން އޮތަސް، އެންމެ ފުރަތަމަ ދިވެހިން އަޅުކަންކުރީ ހިންދޫ ދީނަށެވެ. މިކަމަށް އިޝާރާތް ކުރައްވަމުން މޫސާ މާހިރު (އަހަރު ނެތް) ލިޔުއްވާފައިވަނީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުން އަޅުކަންކުރިކަމަށް ބުނާ ތަކެއްޗާ އިންޑަސް ވާދީ ޙަޟާރަތުގެ މީހުން އަޅުކަން ކޮށްފައިވާކަމަށް ބެލެވޭ ތަކެއްޗާ އެއްގޮތްކަމެއް ވެއެވެ. އެހެންކަމުން ބުދު ދީން އައުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިންދޫ ދީނުގެ އަސަރުތައް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރާއްޖެ އިސްލާމް ވީއިރު ރާއްޖޭގައި އޮތް ސިއްދާރުތާ ގައުތަމާ ބުއްދާއަށް ނިސްބަތްވާ ބުޑިޒަމް ނުވަތަ ބުދު ދީނުގެ ބިންގަލަކީ، ހިންދޫ ދީން ކަމުގައި ބެލެވެއެވެ.


2.2.1. ހިންދުއިޒަމް (ހިންދޫ ދީން)
ހިނދުއިޒަމްގެ ދިރާސާ ކުރައްވާ ޖަރުމަންވިލާތުގެ ބޭފުޅެއްކަމަށްވާ ކުލައުސް ކުލަސްޓަރމެއިއާ (2007) ލިޔުއްވާފައިވާގޮތުގައި ހިންދުއިޒަމް އުފެދިގެން އައިސްފައިވަނީ އިންޑަސް ވާދީ ޙަޟާރަތުގެ ދުވަސްވަރެވެ. އެބޭފުޅާ ހާމަކުރައްވާގޮތުގައި "ހިންދޫ" ގެ އަސްލަކީ ސެންސްކުރިތުގެ ލަފުޒެއްކަމަށްވާ "ސިންދޫ" ކަމަށެވެ. ސެންސްކުރިތު ބަހުގެ މާނައަށް ބަލާއިރު "ސިންދޫ" ގެ ލަފްޒީ މާނައަކީ ކޯރެވެ. އެހެންކަމުން ހިންދުއިޒަމް ފެށިގެންދިޔައީ އިންޑަސް ކޯރުގެ ވާދީގެ ތެރޭގައިކަމަށް ކުލައުސް ފާހަގަކުރައްވައެވެ. ހިންދޫދީނުގެ ތާރީޚަށް އަލިއަޅުވާލަމުން ކުލައުސް ލިޔުއްވާފައިވަނީ ހިންދުއިޒަމް ވުޖޫދައް ގެނައީ ކޮންބައެއްކަން  އަދި ކޮން ތާރީޚެއް ގައިކަން ކަނޑައެޅި އެނގޭކަށް ނެތެވެ. ކުލައުސް އިތުރަށް ފާހަގަ ކުރައްވާ ގޮތުގައި ހިންދޫދީނުގެ އަހުލުވެރިންނަކީ އެބައިމީހުންނަށް ބާރުގަދަހެން ހީވާ ކޮންމެ އެއްޗަކަށް އަޅުކަން ކުރަމުން ގެންދިޔަ ބައެއްކަމަށެވެ. އެ ގޮތުން ކޯރު، ފެން، އަލިފާން، އިރު، ތަރި، ހަނދު ފަދަ ތަކެއްޗަށް އެބައިމީހުން އަޅުކަން ކުރިއެވެ.

2.2.1.1 ދިވެހިރާއްޖެއަށް ހިންދޫ ދީން އައިގޮތް:
ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚް ދިރާސާކުރައްވާ ބޭފުޅުން ހާމަކުރައްވާގޮތުގައި ދިވެހިންގެ އެންމެ ޤަދީމީ ދީނަކީ ހިންދުއިޒަމް ނުވަތަ ހިންދޫ ދީނެވެ. ނަމަވެސް ނަސީމާ މުހައްމަދު (2004) ލިޔުއްވާގޮތުގައި ހިންދޫދީން ރާއްޖެ އައީ ކޮން ތާރީޚެއްގައި، ކޮން ސަރަހައްދަކުން ކަންވެސް ދިވެހި ތާޜީޚަކުން އެގޭކަށް  ނެތެވެ. އިސްމާއީލް އަބުދުއްރަހީމް (2007)  ހާމަ ކުރައްވާ ގޮތުގައި ހިންދޫދީން ދިވެހިރާއްޖެއަށް އައިގޮތާމެދު ދެގޮތަކަށް ތާރީޚްގައި ވާހަކަދެކެވެއެވެ. އެއީ އިންޑިޔާގެ އިންޑަސްވާދީ ޙަޟާރާތުގެ ތެރެއިންނާއި، އަވަށްޓެރި ސުރީލަންކާއިންކަމަށް ދެކެވޭ ވާހަކަތަކެކެވެ. މި ދެ ގައުމަކީ ރާއްޖެއަށް މީހުންއައިސް ވަޒަންވެރިވި ދެގައުމެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ހިންދޫދީން އައިސްފައިވަނީ އިންޑިއާޔާއި ސްރީލަންކާއިން ކަމުގައި ވުމަކީ އެކަށިގެންވާކަމެއް ކަމެއްކަމުގައި ލިޔުއްވާފައި ވެއެވެ.

2.2.1.2. ދިވެހިރާއްޖޭގައި ހިނދޫދީން އޮތްކަމުގެ ބައެއް ހެކިތައް:
ހިންދޫދީނާބެހޭގޮތުން ދިވެހި ތާރީޚުން ލިބިފައިވަނީ ވަރަށް މަދު ހެކިތަކެކެވެ. މިމަދު ހެކިތަކަށް ރިޔާޢަތްކޮށް، ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ދިވެހިރާއްޖޭގައި ހިނދޫދީނަށް އަޅުކަން ކޮށްފައިވާކަމަށް ހެކިދެއެވެ. އެގޮތުން ނަސީމާ މުޙައްމަދު (2002) ލިޔުއްވާފައިވާ ގޮތުގައި
"ދިވެހިރާއްޖޭގެ ފޯކްލޯރގެ ތެރެއިން ބައެއް ވާހަކަތައް ހިންދޫ ދީނުގެ ވާހަކަ ތަކާވެސް ގުޅިފައި ވެއެވެ. މިގޮތުން އަޅުގަނޑުމެންގެ ވާހަކައިގައި މިކިޔާ ހަންޑިއާއި ހާމުންޑިއަކީ ހިންދޫ ދީނުގެ "ޗަންޑީ" އާއި "ޗާމުންޑި"އެވެ. އެއީ އެދީނުގެ "ކާލީ" އާއި "ދުރުގާ" ކަލާންގެ އަށް ނިސްބަތްވާ ދެނަމެވެ. ބައެއް ވާހަކަތަކުގައި އޮންނަ 'ވިގަނި' އަކީ ހިންދޫ ދީނުގެ "ރާމާޔަނަ" ވާހަކަގައިގަ ބުނާ "ވިގަން" ނަމަކަށް ކިޔާ ފުރޭތައެކެވެ."(ސ.43) 
މީގެ އިތުރުންވެސް ދިވެހިންގެ ގަދީމީ ބިނާތަކުން ފެނިފައިވާ ތަފާތު ތަކެތީންވެސް ދިވެހިރާއްޖޭގައި ހިންދޫދީނުގެ މީހުން އުޅެފައިވާކަން ސާބިތުކުރެވެއެވެ. އެގޮތުން އދ. އަރިއަދޫއިން "އަރިއަދޫ ހައިތަ" ނަމަކަށްކިޔާ ވީރާނާވެފައިވާ ތަނަކުން "ފެލިކް" ސިފައަށް ހިރިގަލުން ހަދާފައިވާ އެއްޗެއް ފެނިފައި ވާކަމަށް ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރައްވައެވެ. އަދި މި އެއްޗަކީ ހިންދޫ ދީނުގެ އެއްޗެއްކަމަށް އެމަރުކަޒުން ލަފާކުރައްވައެވެ. މީގެއިތުރުން ފ. ނިލަންދޫ ފޯއްމަތި ސަރަހައްދުން ފެނިފައިވާ އިންސާނެއްގެ ފިރިހެން ހަށީގެ ކޮޅު ސިފަވާގޮތަށް ގަލުވަޑާމުގެ މަސައްކަތުން ހަދާފައިވާ ތަކެއްޗަކީ ތަފާތު މާއްދީ ބާރުތަކަށް އަޅުކަންކުރަމުން އައި ހިންދޫން އަޅުކަން ކުރިތަކެތިކަމަށް ބެލެވިދާނެއެވެ.
ހިންދޫދީނުގެ މީހުން ތާހިރުވުމަށް އެރިތިބޭ ވެވުތަކާއި، ހިންދޫދީނުގެ އަހުލުވެރިން އިރުގެ ކަލާންގެއަށް އަޅުކަންކުރުމަށް ހަދާފައިވާ ފައްޅިއެއްގެ ބިނާތަކަކާއި އެ މަޒްހަބުގެ އިތުރު ނިޝާންތަކެއް ހުވަދު އަތޮޅުން ފެނިފައިވާކަމަށް ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރައްވައެވެ. މުހައްމަދު އިބުރާހިމް ލުތުފީއާ ހަވާލާދެއްވާ އުޘްމާން ރަމީޒު (2012) ހާމަކުރައްވާފައިވާ ގޮތުގައި 1984ގައި ހުވަދު އަތޮޅު ދިރާސާކުރެއްވި ތޯހައިދާލް މިއީ ހިންދޫދީނުގެ ތަންތަންކަމުގައި ނިންމެވިއެވެ. އެއީ އޭނާއަށް އިންޑިޔާއާއި ލަންކާއިން ފެނިލެއްވި މިފަދަ ތަންތަނާއި މިތަންތަނާއި ގުޅުންތަކެއް ހުރުމުންނެވެ.
ދިވެހިންގެ ތެރޭގައި މިއަދުވެސް ބައެއް ކަންކަމުގައި ހާއްޞަ ގޮތެއްގައި ދީނީ ކަންކަމުގައި ދުންދަޑި ޖަހާ ދުން އެރުވުމަކީ ހިންދޫދީނުގެ ނުފޫޒެއްކަމަށް ތާރީޚް ޢިލްމުވެރިން ފާހަގަކުރައްވައެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އަދިވެސް އެ އާދަތައް ދަމަހައްޓަން މަސައްކަތްކުރާ މީހުން މަދުންނަމަވެސް އުޅޭކަން ފާހަގަކުރައްވަމުން މިފަދަ މުނާސަބަތު ތަކުގައި ދުންދަނޑިން ދުން އެރުވުމާއި، ޒިޔާރަތްތަކަށް ނަދުރުބުނުމާއި، އޮޑިދޯނިފަހަރު ބާލާއިރު ކާށިޖެހުމާއި، ފަންވަތް ލިޔުމާއި، ފަންޑިތަ ހެދުންފަދަ ކަންކަމަކީ، ހިންދީންގެ އާދަތަކުގެ ތެރެއިން ދިވެހިންގެ ތެރެއަށް ވަދެފައިވާ ކަންތައްތައް ކަމުގައި ބެލެވޭކަމަށް މޫސާ މާހިރު (އަހަރު ނެތް)ހާމަކުރައްވައެވެ.
ހިންދޫދީނަކީ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރީންގެ ދީންކަމުގައި ޤަބޫލުކުރެވުނަސް، ހިންދޫ ދީން ރާއްޖޭގައި އޮތްކަމުގެ އަސަރު ފެންނަން ހުރީ ވަރަށް ކުޑަކޮށެވެ. ރާއްޖެއިން ހިންދޫ ދީނުގެ އަސަރުތައް މިހާ ކުޑަކޮށް ފެންނަ ސަބަބެއް ކަމަށް  ނަސީމާ މުޙައްމަދު (2004) ލިޔުއްވާފައިވަނީ ހިންދޫދީނުގެ މައްޗަށް ބުދު ދީނުގެ ނުފޫޒު ގަދަވެ، ހިންދޫ ދީނުގެ މީހުން އަޅުކަންކުރުމަށް ބިނާކޮށްފައިހުރި އާޘާރުތަކުގެ މައްޗަށް ބުނު ދީނުގެ އާސާރުތައް ބިނާކުރުމުން ކަމަށެވެ. ނަސީމާ އިތުރަށް ލިޔުއްވަނީ ބުދު ދީނުގެ ކުރީގެ ތާރީޚު ދިރާސާ ކުރެވިފައި ނުވުމަކީ ވެސް، ހިންދޫ ދީނާބެހޭ ހެކިތައް ފެންނަން ނެތުމަށް މެދުވެރިވި ސަބަބެއްކަމަށެވެ.

2.2.2. ބުޑިޒަމް (ބުދު ދީން)
ބުނެވޭގޮތުގައި ބުޑިޒަމް ނުވަތަ ބުދު ދީނަކީ އޭޝިޔާގެ ތެރެއިން އުފަންވެގެން އައި ދީނެކެވެ. މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ ޢަދަދަކަށް ބުދަށް އަޅުކަންކުރާ މީހުން މިހހާރުވެސް އުޅެނީ އޭޝިޔާ ސަރަޙައްދުގައެވެ. ބުދިޒަމްއާއި ބެހޭގޮތުން އެދީނުގެ މަސްހޫރު ފާދިރީއެއް ކަމަށްވާ ކެލްސެން ގައިއަޓްސޯ (2007) ލިޔުއްވާފައިވަނީ ބުދު ދީނަކީ، އީސާގެ ފާނު ދުނިޔެއަށް ވަޑައިގަތުމުގެ 624 އަހަރު ކުރިން ދެކުނު އިންޑިޔާގެ ޝާހީ ޚާންދާނެއް ކަމަށްވާ ލުމްބިނިއަށް އުފަންވި ބުއްދާ ޝަކިޔަމުނި (Buddha Shakyamuni) ގެ ފަތުވާތަކުގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. ސިއްދާރުތާ ގައުތަމާ ނުވަތަ ބުއްދާއަކީ މިއީއެވެ. ގައިއަޓްސޯ ލިޔުއްވާފައިވާ ގޮތުގައި ބުދުދީން އުފެދިގެން ދިޔައީ  ބުއްދާގެ މި ފަތުވާތަކަށް ތަބާވި މީހުންނާއެކު ޚާއްސަ ޖަމާއަތެއް ހަދައިގެންނެވެ. އެލިޔުމުގައި ވާގޮތުން ބުޑިޒަމް މައިގަނޑު ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ "ތޭރަވާދާ ބުޑިޒަމް" އާއި "މަހަޔާނާ ބުޑިޒަމް" އެވެ.

2.2.2.1. ދިވެހިރާއްޖެއަށް ބުދު ދީން އައިގޮތް:
ތާރީޚްގެ ފަތްފުއްތައް ހޯދާ ބަލާލުމުން ބުދުދީނުގެ އަސަރު ދިވެހިރާއްޖެއަށް ކޮށްފައިވަނީ ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ގާތްގަނޑަކަށް 300 އަހަރު ކުރިންކަމަށް ދެންނެވިދާނެއެވެ. ދިވެހި ތާރީޚުގެ ޞަފުހާތަކުން ފެންނަގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުން  ބުދުދީނަށް ވަނުމުގެ މައިގަނޑު އަސްލަކީ އޭރު މުޅި ދެކުނު އޭޝިޔާއާއަށް ބުދުދީން އުނގަންނައި ދިނުމަށާއި ފަތުރަން މަސައްކަތް ކުރެއްވި އަޝޯކާ ރަސްގެފާނުގެ މަސައްކަތެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އިބްރާހީމު ވަޙީދު (2000)، ލިޔުއްވާފައިވަނީ، ދިވެހިރާއްޖެއަށް ބުދުދީން އައިކަމަށް ބެލެވެނީ އިންޑީޔާގައި ރަސްކަން ކުރެއްވި މޯރިއޯ ރަސްގެފާނު އަޝޯކާ، ދެކުނު އޭޝިޔާގެ ޤައުމުތަކަށް ބުދުދީން ފެތުރުމަށް ކުރެއްވި މަސައްކަތުގެ ތެރެއިންކަމުގަ އެވެ. މީގެއިތުރުން އިންޑިއާގެ ބައެއް ގަދީމީ ލިޔުއްވުންތަކަށް ބިނާވެ، މުޙައްމަދު އިބްރާހިމް ލުތުފީ (1987) ހާމަ ކުރައްވަނީ އިންޑިޔާގެ ރާޖާއެއް ކަމުގައިވާ ރާޖާ ރާޖާ ދަ ގްރޭޓް ދިވެހިރާއްޖެއަށް ބުދުދީން ފެތުރުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.
ރާއްޖެއަށް ބުދުދީން އައިގޮތާމެދު މުޙައްމަދު އިބްރާހިމް ލުތުފީ (1987) ހާމަކުރައްވަނީ ރާއްޖެއަށް ބުދުދީން އައީ ވަކި ޤައުމަކުންކަން ކަނޑައެޅި އެނގޭކަށް ނެއްކަމުގައެވެ. ނަމަވެސް ރާއްޖޭގައި ފެންނަން ހުރި ބުދުދީނުގެ އާސާރުތަކާ، އިންޑިޔާ، ލަންކާ، އިންޑޮނޭޝިޔާ އަދި ބަންގާޅު ފަދަ އޭޝިޔާގެ ޤައުމުތަކުގެ ބުދުދީނުގެ އާޘާރުތަކާ އެއްގޮތް ކަންތައްތަކެއް ހުރުމުން، ރާއްޖެއަށް ބުދުދީން އައީ އޭޝިޔާ ސަރަޙައްދުންކަމަށް ޤަބޫލުކުރެވޭކަމަށެވެ. ރާއްޖެއަށް ބުދުދީންއައި ގޮތް ކަނޑައެޅި އެނގޭނެ ފަދަ ހެކިތަކެއް ފެންނާން ނެތްނަމަވެސް، މޫސާ މާހިރު (އަހަރު ނެތް) ފާހަގަކުރައްވަނީ ރާއްޖޭގެ ބިމުން ފެނިފައިވާ ޤަދީމީ އާޘާރުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 1100 އަހަރު ބުދުދީން އޮތްކަމަށް ބެލެވޭކަމަށެވެ.

2.2.2.2. ދިވެހިރާއްޖޭގައި ބުދުދީން އޮތްކަމުގެ ބައެއް ހެކިތައް:
ދިވެހިރާއްޖޭގެ އާޘާރުތައް ދިރާސަކުރެއްވި ފަރާތްތަކަށް  ގަދީމީ ތާރީޚުތަކުގައި ދިވެހިން ބުދަށް އަޅުކަން ކުރަން ހަދާފައިވާ މޮނާސްޓްރީތަކާއި، ދާގަބާއާއި ސްޓޫޕާއާއި ވިހާރަ އާއި ޕިރިވޭނަ ފަދަ ތަންތަން ފެނެފައިވުމުން ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިރާއްޖޭގައި ބުދުދީނަށް އަޅުކަން ކުރިބަޔަކު އުޅެފައިވާކަން ސާބިތުވެއެވެ. އެގޮތުން ނ. ލަންދޫއާއި، ކ.ކާށިދޫއާއި އއ. ތޮއްޑުގެ އިތުރުން ފ. ނިލަންދޫއިންވެސް ބުދުދީނުގެ އާޘާރުތައް ފެނިފައިވާ އާޘާރީ ތަންތަނެވެ.

ނ.ލަންދޫ ގައިވާ "މާބަދިގެ ހައިތަ"އޭ ސަރަހައްދަކީ ބުދަށް އަޅުކުރަން ހަދާފައިވާ ތަނެއްކަމަށް ތާރީޚީ ހޯދުންތަކުން ހާމަކޮށްދެއެވެ. އެ ރަށު މީހުން އެތަނަށް ކިޔާއުޅެނީ "ހަތްކަ" އެވެ. ނަމަވެސް، މިތަނަށް "މާބަދިގެ ހަތްކެއިހައިތަ"  އޭ އިހުގައި ކިޔާއުޅުނު ކަމަށްވެއެވެ. 18 މެއި 1987މ. ގައި "އާރކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ" ގެ ފަރާތުން މި ސަރަޙައްދު ބައްލަވައި ކުރެއްވި ސާރވޭއިން ހާމަވި ގޮތުގައި މި ސަރަޙައްދަކީ ބުޑިސްޓް ދީނީ އެކުވެންޏެއް ކަމުގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރައްވައެވެ. މި ސާރވޭ ޓީމުގެ ރިޕޯޓާ ހަވާލާދީ މޫސާ މާހިރު (އަހަރު ނެތް) ލިޔުއްވާފައި ވަނީ  އެ ސަރަޙައްދުގައި ހަލާކު ކޮށްލައިފައިވާ ފައްޅިއެއްގެ އަލާމާތްތައް ފެންނަން ހުރި ކަމަށާއި، އެސަރަޙައްދާ ވަރަށް ކައިރިން ދެކުނު ބްރަހުމީ އަކުރުން ލިޔެފައިވާ ހިރި ގަލެއް ފެނިފައި ވާކަމަށެވެ. މޫސާ މާހިރު މޫސާ މާހިރު އިތުރަށް ލިޔުއްވަނީ މި ގަލުގައިވާ ލިޔުމަކީ ބުދުދީނާއި ގުޅުން ހުރި ލިޔުމެއްކަމަށް ސާބިތު ކުރެވެނީ އެ ލިޔުން ދިރާސާ ކުރެއްވި ޕްރޮފެސަރ ގިބާރޓް  އެ ގަލުގައި ބުރަހުމީ އަކުރުން ލިޔެފައިވަނީ ވަޖަރަޔާނާ ބުޑިޒަމުގެ ފަންޑިތައެއް ކަމުގައި ހާމަކޮށްފައި ވުމުންނެވެ. ވުމާއެކު މި ބިނާއިންވެސް ރާއްޖެ އިސްލާމް ވުމުގެ ކުރިން ރާއްޖޭގައި ބުދުދީން އޮތްކަން ހާމަކޮށްދެއެވެ.
އއ. ތޮއްޑޫގައި ހުރި "ބޮޑު ގާފުނި" ކިޔާ ދާގަބާއަކީވެސް ޤަދީމީ ދިވެހިން ބުދަށް އަޅުކަން ކުރިކަން ސާބިތު ކޮށްދޭ ސަރަހައްދެކެވެ. 1958 ވަނަ އަހަރު ދިވެހި ތާރީޚީ ކޮމިޓީން  މިތަން ދިރާސާ ކުރެއްވުމުން އެނގިގެން ދިޔައީ މި ސަރަހައްދަކީވެސް ބުދުދީނަށް ބަޔަކު އަޅުކަން ކޮށްފައިވާ ތަނެއްކަމުގައެވެ. މިތަނުގެ ފޮޓޯތައް ބެއްލުވުމަށްފަހު ޔުނިވަރސިޓީ އޮފް ސިލޯން، ޕޭރަދެނިޔާގެ ޑޮކްޓަރ އެސް. ޕަރަނަވިތާރަނަ ވިދާޅުވިކަމަށް ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަކުރައްވަނީ އެ ސަރަޙައްދުން ފެނިފައިވާ ތަކެއްޗަކީ ބުޑިސްޓް ދީން ފެށުނުއިރާ ކައިރީގައި އިންޑިއާއި ސިލޯނުގެ ކުރެހުންތަކާއި ޢިމާރާތުގައި ބޭނުންކުރަމުން އައި ތަކެއްޗާއި އެއްގޮތް ތަކެތި ކަމުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އެ ދާބަގާގެ ތެރެއިން އުނަގަނޑާއި ހަމައަށް ހަދާފައި އިށީންދެއިން ގޮތަށް ހަދާފައިވާނި ބުދެއް އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީ އަށް ފެނުނުކަމަށް  ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަ ކުރައްވައެވެ. މިއީ މިހާރުވެސް ބުދުދީނުގެ މީހުން އަޅުކަންކުރާ ބުއްދާ ހަދާފައި ވާގޮތްކަމުން ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރީން ބުދުދީނަށް އުޅެފައިވާކަން ހާމަވެއެވެ.
އާޘާރީ ގޮތުން މުއްސަނދި ކާށިދޫ ކުރުހިންނަ ތަރާގަނޑަކީ ވެސް ބުދު ދީނާ ގުޅުމެއް ވާސަރަޙައްދެއްކަމަށް ތާރީޚީ ހޯދުންތަކުން ހާމަވެއެވެ. މި ސަރަޙައްދަކީ މީލާދީން ގާތްގަނޑަކަށް ހަތަރުވަނަ ޤަރުނުން ފެށިގެން އައިސް ދިހަވަނަ ޤަރުނާއި ހަމައަށް ބުޑިސްޓް ދީނުގެ ވޭރެއްގެ ގޮތުގައި އެވޭލާގެ މީހުން ބޭނުންކުރި ތަނެއްކަމަށް، 1996 އެތަން ދިރާސާ ކުރެއްވި   އެގިލް މިކަލްސަން އާއި ހަވާލާދީ ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަ ކުރައްވައެވެ. މީގެ އިތުރުން ސްރީލަންކާގެ ޕްރޮފެސަރ ސޭނަކަ ބަންޑާރަނައިކަ، 1998 ވަނަ އަހަރު މިތަން ބައްލަވާލައްވާފައި ވިދާޅުވިކަމަށް ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ލިޔުއްވާފައިވަނީ އެތާގައި ކުރިން ހުރި އިމާރާތްތައް ވައްތަރުވަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ މެދެރަށުގައި ހުރި އާޘާރީ ބުޑިސްޓް ބިނާތަކުގެ ޑިޒައިން ތަކާކަމަށެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ އާޘާރީ މިސްކިތަކީވެސް ބުޑިސްޓް ދީނުގެ ވޭރެއް ހުރިތަނެއްކަމުގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަ ކުރައްވައެވެ. ހަމައެއާއެކު، ނިލަންދޫ ފޯއްމަތި ސަރަޙައްދު ކޮނެ ދިރާސާ ކުރެއްވި ތޯހައިދާލް އަށް ހަވާލާ ދެއްވާ މޫސާ މާހިރު (އަހަރު ނެތް) ލިޔުއްވާފައިވަނީ  އެ ތަނުގައި ބުދު ދީނުގެ މީހުން  ހިނައި ގަންނަން ބޭނުންކުރާފަދަ ވޭރަކާއި، ފެންބޯ ވަޅެއް ހުރިކަމަށެވެ. މީގެ އިތުރުންވެސް ، ކުރެންދޫ ތަރާގަނޑާއި، ގަމު ހައްތެއްޔާއި، އިސްދޫ ބޮޑުހައްތެއްޔާއި، އަދި ކޮނޑޭ ހަވިއްތަ ފަދަ ތަންތަނުން ދެކުނު އޭޝިޔާގައި މީހުން އަޅުކަން ކުރުމަށް ގެންގުޅިގައިވާފަދަ ބުދު ދީނުގެ އަސަރުތައް ފެނިފައިވާކަން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަ ކުރައްވާފައިވެއެވެ.

ދިވެހިން އަޅުކަން ކޮށްއުޅުނު ތަނުގެ ބިނާއެއް

3. ރާއްޖެ އިސްލާމްވުން
ތާރިޚީ ހެކިތަކަށް ބަލާއިރު، ރާއްޖެ އިސްލާމުވުމުގެ ކުރިން ރާއްޖޭގައި އޮތް ބުޑިސްޓް ދީނަކީ އަނިޔާވެރި ދީނެއްކަން އެނގެ އެވެ. އަދި މުޅި ދެކުނު އޭޝިޔާގައިވެސް އިސްލާމްދީން ފެތުރު ކަމުގެ އެއްސަބަބު ކަމުގައި ނަސީމާ މުޙައްމަދު (2001) ލިޔުއްވާފައިވަނީ ބުދު ދީނުގައި ހުރި މިފަދަ ހަރުކަށި ސިފަތަކަށްވުރެ އިސްލާމްދީނުގައި ހުރި ރަނގަޅު ސިފަތައް ޤަބޫލުކުރެވިގެންނެވެ. ދިވެހިރާއްޖޭގައި އެއިރު އޮތް ބުދު ދީނަކީ އިންސާނުން ޤުރުބާން ކުރަމުން އައި ދީނެއްކަމަށް ޤަބޫލުކުރައްވަމުން ނަސީމާ މުޙައްމަދު (2004) ލިޔުއްވާފައިވަނީ މާލޭގެ މަގުތައް އެއްވަރުކުރި އިރު ހ.ރޯޝަނީމަގުން ނެގި ހިރިގަލުގެ ވަށައިގެން، މީލާދީން 9 ވަނަ ޤަރުނާއި 10 ވަނަ ޤަރުނުގައި މަރުވެގައިވާ އިންސާނުންގެ ކަށި ފެނިފައި ވާކަމަށާއި،  މި ގަލުގެ މަތީގައި، އޮތް މަރުވެފައިވާ އިންސާނެއްގެ ބޮލުގެ ކަށިގަނޑު ސިލޯނަށް ފޮނުވައިގެން ދިރާސާކުރުމުން އެނގުނު ގޮތުގައި އެއީ ޒުވާން އަންހެންކުއްޖެއް މަރުވެފައިވާ ކަށި ކަމަށްވެއެވެ. ދިވެހިރާއްޖޭ އިސްލާމް ކުރެރެވުނު ކަމަށް ދެކެވޭ ރަންނަމާރި ވާހަކައިންވެސް ބިކުރުވެރި އަންހެން ކުދީން ޤުރުބާން ކުރެވެމުން ދިޔަ ކަން ތާރީހީ ފަތްފުށްތަކުން އެނގެއެވެ. އެހެންކަމުން ދިވެހިރާއްޖެ އިސްލާމް ވެގެން ދިޔައީ ބުދުދީނުގެ ހުރި މިފަދަ އަނިޔާވެރި ގަބޫލުކުރުންތަކުގެ ސަބަބުން ދިވެހީން ސަލާމަތްވުމަށް އެދިއެދި ތިބިދުވަސްވަރެއްގައިކަމުގައި ބެލެވިދާނެއެވެ.
 ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކާ މެދު ތާރީޚީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވީ ނަމަވެސް ރަސްމީ ގޮތުން ކަނޑައަޅުއްވާފައިވަނީ، ރާއްޖެ އަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވި ބޭކަލަކީ "މައުލާނަލް ހާފިޒު އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ" ކަމުގަ އެވެ. މި ބޭކަލަކީ މަޣުރިބުކަރައިގެ (މޮރޮކޯގެ) ބޭކަލެއް ކަމަށްވެއެވެ.  އެއީ މީލާދީން 1153 ވަނަ އަހަރުއެވެ.
ދިވެހިތާރީޙުން ބަލާއިރު ދިވެހީން އިސްލާމްވެގެން ދިޔައީ އެންމެން އެއްފަހަރާ ނޫންކަން ސާބިތުކުރެވެއެވެ. ނަޝީމާ މުޙައްމަދު (2001) ލިޔުއްވާފައި ވާގޮތުގައި އަބުލްބަރަކާތު ރާއްޖެ އިސްލާމް ކުރެއްވި އިރު ދިވެހިތަހުތުގައި ރެދަލި ކުރެއްވި ރަދުން، ސުވަސްތި ސިރީ ތުރިބުވަނަ އާދީއްތިޔަ މަހާރަދުން (އައްޞުލްތާން މުހައްމަދު ބުނު އަބުދުﷲ) ، އެ ދީން ގަބޫލުކުރެއްވުމަށްފަހު، މުޅި ދިވެހިރާއްޖޭގައި ފަތްރޫރަ ހިންގަވައި، ރާއްޖޭގެ އެންމެ ކުރީގެ ދީން ދޫކޮށްލައި، މާތްވެގެނެވާ ދީނަށް އެނބުރުމަށް އެންގެވިމަށެވެ. ނަޝީމާ މުޙައްމަދު އިތުރަށް ލިޔުއްވާފައި ވަނީ އިސްދޫ ދަނބިދޫގައި ތިބި ހާމުދުރުންގެ ޖަމާޢާތް ނައްތާލައްވާ، ބުޑިސްޓް ވޭރުތައް ހަލާކުކޮށްލައްވައި އިސްލާމުން ކުރެއްވީ މީލާދީން 1194 ވަނަ އަހަރު ގައިކަން ދަނބިދޫ ލޯމާފާނުން ސާބިތުވާކަމަށެވެ. އަދި މީގެ އިތުރުން ށ.ކުޑަދޫއިން ފެނުނު ބިންގަރާހަކީ އިހުޒަމާނު އުޅުނު ފޯބޯ ނަމަކަށްކިޔުނު މީހަކު އިސްލާމް ނުވާން ފިލާންވަދެ އޮންނަތަކެއްކަމުގައި އެރަށު މުސްކުޅިން ދެންނެވިކަމަށް ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ހާމަ ކުރައްވާފައިވެއެވެ.  މިހުރިހާ ކަމަކުން ދޭހަވަނީ ދިވެހިރާއްޖެއަށް އިސްލާމްދީން އައުމުގެކުރިން ދިވެހިންނަކީ ޤަދީމީ އެހެން ދީންތަކަކަށް އަޅުކަންކުރި ބައެއްކަމެވެ.

4. ނިންމުން
ދިވެހިރާއްޖޭގެ ޤަދީމީ އަހުލުވެރިންނަކީ ބޯދާ ޤަބޫލުކުރުންތަކާއި، ޚުރާފާތާއި، ބިދުއަތަކަށް އީމާންވެ، ބާރުގަދަހެން ހީވާ ފަދަ ގިނަ ތަކެއްޗަށް އަޅުކަން ކޮށްފައިވާ ބައެއްކަމަށް ތާރީޚީ ޞަފުޙާތަކުން ހާމަވެއެވެ. އިންޑަސް ވާދީ ޙަޟާރަތުގެ ތެރެއިން ދިވެހިރާއްޖެއަށް ހީންދޫ ދީން ތަޢާރަފުވެ، ރާއްޖޭގެ ޤަދީމީ ދީނެއްގެ ގޮތުގައި ފުރަތަމަ އޮތް ދީނަކީ ހިންދޫ ދީން ކަމަށް ތާރީޚް ހެކިދެއެވެ. އެހެން ނަމަވެސް ދިވެހި ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި ހުރި އާޘާރުތަކަށް ބަލާއިރު، ހިންދޫ ދީނުގެ އަސަރުތައް ފެންނަން ހުރީ ވަރަށް މަދުންކަން ފާހަގަ ކުރެވެއެވެ. މި ފަދަތަންތަނުން ފެނިފައިވާ ހެކިތަކަށް ބަލާއިރު ދިވެހިން ކުރީ ޒަމާނުގައި އަޅުކަންކޮށް އުޅުނީ ތަފާތު ބުދު ދީނަށްކަން ހާމަވެއެވެ. ދިވެހި ރާއްޖޭގައި ހިނދޫ ދީން އައީ ބުދު ދީނަށްވުރެ ކުރިންކަމުން ހިންދޫ ދީނުގެ އާސާރުތަކުގެ މައްޗަށް ބުދު ދީނުގެ ބިނާތައްހެދިގެން ދިޔަކަމުގައި ތާރީޙުން ހެކިދެއެވެ.  އަދި މުޅި ދިވެހިރާއްޖެ  ބުދު ދީން ފެތުރިގެން ދިޔަކަމަށްވެސް ބެލެވެއެވެ. އެހެންކަމުން މަޣުރިބުކަރައިން ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ސައްޔާޙެއް ކަމަށްވާ އަބްލްބަރަކާތު ޔޫސުފުލް ބަރުބަރީ، މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހިރާއްޖެ އިސްލާމް ކުރުމާއި ހަމައަށް ދިވެހިން ތަފާތު ދީންތަކަށް އަޅުކަން ކުރިކަން އެއްވެސް އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ.

 
5.     ރެފަރެންސް ލިސްޓު
1.        ނަސީމާ މުޙައްމަދު. (2002). ދިވެހީންގެ ތަރިކަ 1،2،3،4. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
2.        ނަސީމާ މުހައްމަދު. (2004). ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުން. ފަތްތޫރަ، 306. ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
3.        ނަސީމާ މުޙައްމަދު (2001). ދެކުނު އޭޝިޔާގައި އިސްލާމްދީން ފެތުރިގެން ދިޔުމާއި ރާއްޖެ އިސްލާމްވުން.  ފުރަދާނަ، ޖުލައި 2001.
4.        ކެލްސެން ގައިއަޓްސޯ (2007). ހިސްޓްރީ އޮފް ބުޑިޒަމް، އެބައުޓް ބުޑިޒަމް. ނެގީ (16 ޖޫން 2014) http://www.tharpa.com/us/meditation-buddhist-books/all-books/introduction-to- buddhism.html#.U591fii3aUE
6.        އަޙުމަދު ޝަފީޤު. (1998). އެންމެ އެވޭލާ އާޘާރު، ފުރަދާނަ. މާލެ، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކަލްޗަރ.
7.        އަހުމަދު ޝަފީޤް. (2000). ދަންފުޅި. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
8.        އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (ސެޕްޓެމްބަރު،2008). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަންތަނާއި ތަކެތި. ފަތްތޫރަ،354 . މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
9.        އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (އޮކްޓޫބަރ،2008). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަންތަނާއި ތަކެތި. ފަތްތޫރަ،355. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
10.    އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު. (ނޮވެންބަރ،2008). ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރި ތަންތަނާއި ތަކެތި. ފަތްތޫރަ،356. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
11.    އިޔާޒު ނަސީމް (2011) ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ކޮންބައެއް؟. (16 ޖޫން 2014) ސަން.އެމްވީ. ނެގީ http://www.sun.mv/12141
12.    އިބްރާހީމު ވަޙީދު. (2000). ދިވެހީންގެ ވާހަކަ. މާލެ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް.
13.     އިސްމާޢިލް ޙަބީބް ޢަބްދުއްރަޙީމް. (ޑިސެމްބަރު،2007). ޖަމާޢަތުގެ ޚަބަރު 349. މާލެ: ސެންޓަރ ފޯރ ކޮންޓިނިޔުއިން އެޑިޔުކޭޝަން.
14.     މުޙައްމަދު އިބްރާހީމު ލުޠުފީ. (1983). ދިވެހީންގެ ގެއްލިފައި އޮތް ތާރީޚުގެ ތެރެއަށް. ފަތްތޫރަ 51، މާލެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
15.    މުހައްމަދު އިބްރާހިމް ލުތުފީ. (1987). ކޮއިމަލާކަލޯއަކީ ކާކު؟. ފަތްތޫރަ، 100. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު. 
16.    މޫސާ މާހިރު (އަހަރު ނެތް) ދިވެހިރާއްޖޭގައި އޮތް ތަފާތު ދީންތަކާއި އެ ދީންތަކަށް އަޅުކަން ކުރުމަށް ބޭނުންކުރި ތަކެތި، މޫސާ މާހިރުގެ ބުލޮގް:ނެގީ (16 ޖޫން 2014).  http://moosamahir.blogspot.com/2013/03/2500.html
17.    ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.(2007). ދިވެހިރާއްޖޭގައި ހުރި އާޘާރީތަންތަން. މާލެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.




   

No comments:

Post a Comment